ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ވަރަށް ރަނގަޅަށް ހަނދުމަފުޅު އެބަހުރި ކަމަށާއި އެ ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ސީރިއަސްކަމާއެކު ދެމިއޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ހއ. ގެ ބައެއް ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޚު މާރަންދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ވަޢުދުތައް ފުއްދެވުމުގެ ޢަމަލީ ސިފަ މިއަހަރު ގެނެސްދެއްވުމަކީ ސަރުކާރުގެ ޕްލޭނެއް ކަމުގައެވެ. އަދި އެކި ސަބަބުތަކާ ހެދި މިދިޔަ އަހަރު ކުރިއަށް ނުގެންދެވި ހުރި މަސައްކަތްތައްވެސް ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފަށައި، ހުއްޓިފައި އެބަހުރި. އެކަންކަންވެސް ކުރިއަށް ގެންދެވޭނެ މަގުތައް އަދުގެ ސަރުކާރުން ވަނީ ހޯއްދަވައިފަ. އެކަންކަންވެސް ކުރިއަށް ގެންދާނަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން މާރަންދޫގެ ބަނދަރުގެ މައްސަލައަށް ފުރިހަމަ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް މުޢިއްޒު ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި އެ ރަށުގެ ގިރާ ސަރަޙައްދުގެ މައްސަލައާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމުގައި ހުރި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވައި، ކުރިއަށް އޮތް ދުވަސްތަކުގައި މާ ލަސްތަކެއް ނުވެ، މަސައްކަތްތައް އަލުން ފައްޓަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



