މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަމުންދާ އެކި މައްސަލަތަކާ ގުޅިގެން 3 މީހަކު ހޯދުމަށް އިޢުލާން ކޮށްފިއެވެ.
މި ތިން މީހުންގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެއްޗާ ގުޅުންހުރި މުންހުރި މައްސަލައެއްގައި ހޯދަމުންދާ މީހަކާއި، މަކަރާއި ހީލަތުގެ ދެ މައްސަލައެއްގައި ހޯދަމުންދާ ދެ މީހެކެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މީގެތެރެއިިން، އާމިނަތު ޝިފާނާ (37 އަހަރު، ފްރެސްލައިޓް / މާލެ) ހޯދުމަށް އިއުލާން ކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންޑް ޓްރެފިކިންގ އިންވެސްޓިގޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްގައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއްގެ ގޮތުގައި ސުވާލުކުރުމަށް އާމިނަތު ޝިފާނާ ހާޒިރުވާން ޖެހެނީ 2025 ފެބްރުވަރީ 9 ވަނަ ދުވަހުގެ 14:00 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، މަކަރާއި ހީލަތުގެ ދެ މައްސަލައެއްގައި އިސްމާޢީލް ފަޔާޟް (37 އަހަރު، ހ. ފީޗްމެލްބާ / މާލެ) އަދި އަޙްމަދު ނިޢުޝާދު (37 އަހަރު، ބޮންތި / ތ. މަޑިފުށި) ހޯދުމަށްވެސް އިޢުލާން ކޮށްފައިވެއެވެ. މި ދެ މީހުން ހާޒިރުވާން ޖެހެނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށެވެ. އިސްމާޢީލް ފަޔާޟް ހާޒިރުވާން ޖެހެނީ 2025 ފެބްރުވަރީ 6 ވަނަ ދުވަހުގެ 14:00 އަށް އަދި އަޙްމަދު ނިޢުޝާދު ހާޒިރުވާން ޖެހެނީ 2025 ފެބްރުވަރީ 5 ވަނަ ދުވަހުގެ 16:30 އަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމީހުން ހޯދުމަށް އިއުލާން ކޮށްފައި ވަނީ މި ތިން މީހުން އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.



