ހއ. އިހަވަންދޫގައި އަލަށް ގާއިމު ކުރާ ހޮސްޕިޓަލު އިމާރާތްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެއަތޮޅު އިހަވަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ.
އާރުޑީސީއާ ހަވާލުކޮށްގެން މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ސިއްޙީ ވަޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޢަބްދުﷲ ނާޒިމް އިބްރާޙިމްއެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރުއެވެ.
އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު، ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެރަށުގައި އަލަށް ތަރައްޤީކުރާ ހޮސްޕިޓަލް ވެގެންދާނީ ޖާގަ ތަނަވަސް އަދި ޚިދުމަތުގެ ގޮތުން ފުރިހަމަ ހޮސްޕިލަކަށެވެ.
ހޮސްޕިޓަލް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އިހަވަންދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ހޮސްޕިޓަލް އިމާރާތްނިމި ބޭނުންކުރަން ފެށެންދެންވެސް ރަށަށް ބޭނުންވާ ސިއްޙީ މުހިންމު ޚިދުމަތްތައް ދިނުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދަވާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އެ ރަށުގައި ކިޑްނީ ބަލިމީހުންނާ ދޭ ޑައިލަސިސް ފަރުވާގެ ޚިދުމަތް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އިހަވަންދޫގައި ތަރައްގީ ހޮސްޕިޓަލުގައި އެކޮމޮޑޭޝަން ބްލޮކަކާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޢިމާރާތެއްވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.




