ޤައުމީ ޤުރުއާން މުބާރާތަށް މީގެ ފަހުން ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބާއްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިކަން ހާމަކޮށް ވިދާޅުވީ މިއަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދައުލަތުގެ ބަޖެޓުގައި ހިމެނިގެން، އެ ބަޖެޓުން ޚަރަދުކޮށްގެން ބާއްވާ މުބާރާތަކަށް ހެދުމަށް ރައީސް ޑރ. މުޢިިއްޒު ވަނީ ނިންމަވާފައެވެ.
މީގެއިތުރުން، މިނިސްޓަރު ހާމަކުރައްވާފައިވާ ގޮތުގައި މިއަހަރުން ފެށިގެން ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ވަކި ޚާއްޞަ ރަސްމިއްޔާތެއްގެ ގޮތުގައި ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި އެންމެ ގިނަ ދަރިވަރުން ބައިވެރިވާ އެންމެ ބޮޑު ޤުރުއާން މުބާރާތެވެ. މިހާތަނަށް މި މުބާރާތް ބާއްވަމުން އައީ އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކު ބޮޑު ޚަރަދެއް ކޮށްގެންނެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ޤައުމީ ޤުރުއާން މުބާރާތަކީ ހައިބަތު ބޮޑު، އަދި ސަރުކާރުން އިސްކަންދޭނެ މުބާރާތެއް ކަމަށެވެ.




