ޒަކާތު ހައުސްގެ އިމާރާތްތަކުގެ ތެރެއިން ކުއްޔަށްދޭ ފަންގިފިލާތަކުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީ ދޭނީ ޒަކާތުގެ ޙައްޤުވެރިންނަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޒަކާތު ހައުސްގެ އިމާރާތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ”ބައިތުއްޒަކާތު“ގެ ނަމުގައި އިމާރާތްކުރާ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށާއި އަދި މި އިމާރާތަކީ 10 ފަންގިފިލާއަށް ހެދޭ އިމާރާތެއް ކަމަށެވެ.
އެ އިމާރާތުގައި ޒަކާތުހައުސްގެ އިދާރާއެއް ހިމެނޭނެ ކަމަށާއި އަދި ކުއްޔަށް ދޭނެ ބައިތަކެއް ވެސް ހިމެނޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ޒަކާތު ހައުސްގެ އިދާރާއެއް މިއަހަރު އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި އިދާރާ ހުންނަ އިމާރާތަށް ބިމެއް ލިބިފައިވާކަން ވެސް މިނިސްޓަރު އެއިރު ވަނީ ހާމަކުރައްވާފައެވެ.
ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ ފަރުޟު އަދާކުރުމަށް ހޭލުންތެރިކަން އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. އަދި ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް ވަކި ޚާއްސަ އިދާރާއެއްވެސް ސަރުކާރުން އުފެއްދެވީ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުންނެވެ.




