ހއ. ހޯރަފުށިގައި ޤާއިމްކޮށްފައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މި ހާފްވޭ ހައުސް ހުޅުއްވައިދެއްވީ ހއ. ގެ ބައެއް ރަށްތަކަށް މިދިޔަ އަންގާރަ ދުވަހު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް މިއަދު ވަޑައިގަތުމަށްފަހު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ހޯރަފުށީގަ މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހާފްވޭ ހައުސް ހުޅުއްވައިދެއްވުމަށްފަހު ހާފްވޭ ހައުސްގައި ގައުމީ ދިދަ ނަންގަވައި ދެއްވީ ވެސް ރައީސް މުޢިއްޒު އެވެ. އަދި ޑިޕާޓްމެންޓް އޮފް ޖުވަނަލް ޖަސްޓިސްގެ ދިދަ ނަންގަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ޞިއްދީޤުއެވެ.
ހާފްވޭ ހައުސް ހުޅުއްވައިދެއްވާ ރައީސް ވަނީ އެ ތަން ބައްލައްވާލައްވާފައެވެ.
ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ހޯރަފުށީގައި ގާއިމުކުރި މި ހާފްވޭ ހައުސްއަކީ އަތޮޅުތެރޭގައި ގާއިމު ކުރި ފުރަތަމަ ޖުވެނައިލް ޖަސްޓިސް ޔުނިޓެވެ. މި ހާފްވޭ ހައުސް ބަލަހައްޓާނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިންނެވެ. މިއީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ބައިތިއްބުމަށް ހަދާ ތަނެކެވެ.
ހޯރަފުށީގެ ހާފްވޭ ހައުސްގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 6.1 މިލިއަން ރުފިޔާއަށެވެ.
ހާފްވޭ ހައުސްގައި އެކި ކުށްތަކުގައި ގެންނަ ކުދިންނަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިން އަނބުރާ މުޖުތަމަޢުއަށް ނެރުމުގައި ބޭނުންވާ އެހީތެރިކަމާ ރިހެބިލިޓޭޝަން ފަރުވާ ފޯރުކޮށްދޭނެއެވެ.


