ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ.
މި ގްރޫޕަކީ ރައީސް މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއެކު ބޭއްވި ބައްދަލުވުމަށްފަހު އެކުލަވާލެވުނު ތަސައްވުރު ތަންފީޒުކުރުމަށް ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރަން އެކުލަވާލި ގްރޫޕެކެވެ.
”އަ ވިޝަން ފޮ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަޝިޕް“ ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމާ ބެހޭގޮތުން ރާއްޖެއާ އިންޑިއާގެ މެދުގައި މަޝްވަރާ ކުރުމަށް ބޭއްވި ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ފޮރިން މިނިސްޓްރީގައެވެ.
މި ބައްދަލުވުމާ ބެހޭގޮތުން އެ މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އިއްޔެ މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އިގުތިސޯދީ، ސިއްހީ، ޑިޖިޓަލް ފައިނޭންސިން އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވެސް ބުންޏެވެ.



