ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާތަކަށް ޚިޔާނާތްތެރިވީ ކަމަށް ބުނެ އެ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލިފައިވާ ތުހުމަތުތަކަށް އޭނާ މިއަދު އިންކާރު ކުރައްވައިފިއެވެ.
އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ބައްސާމްގެ މައްޗަށް ފުރަތަމަ ކޮށްފައިވަނީ ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. މި ދައުވާ ގުޅިގެން މިއަދު ބޭއްވި ޝަރީޢަތުގައި ދައުލަތުން ވަނީ އޭނާއަށް ދައުވާ އިއްވައި، ސާފުކޮށްދީފައެވެ.
ބައްސާމްގެ ދެ ވަކީލުން މީގެކުރިން ވަނީ މި މައްސަލައިން ތަނައްޒުލް ވެފައެވެ. އެހެންކަމުން އޭނާ މިއަދު ކޯޓަށް ވަޑައިގެންނެވީ އެހެން ވަކީލަކާ އެކުގައެވެ. ބައްސާމްގެ ވަކީލު މިއަދު ވިދާޅުވީ، ލިޔުންތައް އިތުރަށް ދިރާސާ ކުރެއްވުމަށް އިތުރު ވަގުތު ބޭނުންފުޅުވާ ކަމަށެވެ.
ނަމަވެސް މި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީޢު ވިދާޅުވީ، އެގޮތަށް މައްސަލަ ކުރިއަށް ނުދާނެ ކަމަށާއި މި މައްސަލައަށް މިއަދު ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. މި ދައުވާތަކާ ގުޅިގެން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް ގާޒީ ވަނީ، ބައްސާމް އަމިއްލައަށްވިޔަސް މިއަދު ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް އަންގަވާފައެވެ.
ބައްސާމްގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަށް ވެސް އޭނާ އިންކާރު ކޮށްފައިވާތީ ޝަރީއަތް ފެށުމުގެ ކުރީގެ ހުށަހެޅުންތަކަށް 10 ދުވަހުގެ ފުރުސަތެއް ގާޒީ ދެއްވި އެވެ. އެހެންކަމުން ދެން އަޑުއެހުމެއް ބާއްވާނީ އެ ހުށަހެޅުންތައް ހުށަހެޅުމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވަނީ ބައްސާމްގެ މައްޗަށް ފުރަތަމަ ދެ ދައުވާކުރީ ފީފާއިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި، އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ ކަމަށެވެ.
އެގޮތުން އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުރިއިރު ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް، 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް، 2018 ގައި ޖަމާކޮށްފައިވާ ކަމަށާއި އަދި އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެ ކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ.




