އިފުރު މޯލްޑިވްސްގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތަކު މޫދުން ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އެބަދެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އިފުރު މޯލްޑިވްސްގައި މަސައްކަތްކުރާ އުމުރުން 26 އަހަރުގެ އިންޑިއާގެ ރައްޔިތެއް މޫދުން ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސަރޗް އެންޑް ރެސްކިޔު ސެންޓަރ – އުލިގަމް ޕޯސްޓަށް މިމަހުގެ 27 ވަނަ ދުވަހުގެ 16:41 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާ އެކު އެ މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ވަނީ ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމީހާ ހޯދުމަށްޓަކައި މިހާތަނަށް (29 ޖަނަވަރީއާ ހަމައަށް) ކުރެވުނު މަސައްކަތުގެ ތެރެއިން، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓާއި ސީ އެމްބިއުލައިން އަދި ޕޮލިސް ސަރވިސްގެ އެހީތެރިކަމާ އެކު ކަނޑުމަގުން 74.18 ސްކެއަރ ނޯޓިކަލް މޭލު ބެލިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މީގެއިތުރުން ކޯސްޓްގާޑްގެ ޑައިވަރުންނާއި އިފުރު މޯލްޑިވްސް ރިސޯޓް މުވައްޒަފުންގެ އެހީތެރިކަމާ އެކު ޑައިވްކޮށްގެން 160718 ސްކެއަރ މީޓަރު ބެލިފައިވާ ކަމަށާއި ކޯސްޓްގާޑްގެ ޑައިވަރުން ސްނޯކެލް ކޮށްގެން 46814 ސްކެއަރ މީޓަރު ބަލާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ވައިގެމަގުން 213 ސްކެއަރ ނޯޓިކަލް މޭލު މިހާތަނަށް ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.




