އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ވެސް އުވާލައިފިއެވެ.
އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާތީ، މިއަދުން ފެށިގެން ޕީޕީއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެކުރިން ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ މެންބަރުން އޮތް ޕާޓީ ކަމަށްވާ ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމީ މިދިޔަ މަހުގެ 2 ވަނަ ދުވަހުގައެވެ. ޕީޕީއެމް އުވާލަން ނިންމީ އެކަމަށްތަކައި ބޭއްވު ސެނެޓު ބައްދަލުވުމުގައި ބައިވެރުވެވަޑައިގެންނެވި 42 މެންބަރުންގެ އިއްތިފާގުންނެވެ. އެ ނިންމުން ނިންމަން ބޭނުންވީ 38 ސެނެޓަރުންގެ ވޯޓެވެ.
ޕީޕީއެމް އުވާލުމުގެ ކުރިން، އެ މަސައްކަތް ފަސޭހަ ކުރުމުގެ ގޮތުން އެޕާޓީގެ އަސާސީ ޤަވާއިދުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޕާޓީ އުވާލުމަށް ބޭނުންވާ ސެނެޓަރުންގެ އަގުލަބިއްޔަތު 3/4 އިން 2/3 އަށް ދަށްކުރުމާއި، ކުރިން ހަމައެކަނި މާލީ ސަބަބުތަކަށްޓަކައި ޕާޓީ އުވާލުމަށް ހުށަހެޅޭގޮތަށް އޮތް މާއްދާ، ލީޑަރޝިޕަށް ފެނިއްޖެ ހިނދެއްގައި ޕާޓީ އުވާލުމަށް ހުށަހެޅޭގޮތަށް ބަދަލުކުރުން ހިމެނެއެވެ.
މިއަދު އުވާލާފައިވާ ޕީޕީއެމް އަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެންމެ ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. އޭގެފަހުން އެ ޕާޓީ ހިންގުން އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި ހަވާލު ކުރެއްވިއެވެ. ނަމަވެސް ޕާޓީ ތެރެއިން އުފެދުނު ހިޔާލު ތަފާތުވުންތަކަކަށްފަހު، ޕީޕީއެމް އެއިރު ދެ ފެކްޝަނަކަށް ބެހި، ފަހުން އެ ޕާޓީގެ ލީޑަރަކީ ވެސް ރައީސް ޔާމީން ކަމުގައި ނިންމިއެވެ. އަދި އެ ޕާޓީން ވަނީ ރައީސް މައުމޫން ޕީޕީއެމް އިން އެއިރު ބޭރު ކޮށްފައެވެ. ނަމަވެސް ޕީޕީއެމް އަނބުރާ ރައީސް މައުމޫންއަށް ލިބިދިނުމަށް ކޯޓަށް ހުށަހެޅި މައްސަލައަށްފަހު، މިހާރު ސަރުކާރު ހިންގާ ޕީއެންސީ އުފެދުނެވެ. ރައީސް ޔާމީން އެ މައްސަލަ ކާމިޔާބު ކުރެއްވުމުން، ޕީއެންސީ ހިންގަވަމުން ގެންދެވީ މިހާރުގެ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި ޕީޕީއެމްއާއި ޕީއެންސީ އަކީ އެއް ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކޯލިޝަން ވެސް ހެދުނެވެ.
ނަމަވެސް ރައީސް މުޙައްމަދު މުޢިއްޒު ޕީޕީއެމް ދޫކުރައްވާ، ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރައީސް ޔާމީންއާއި ޕީޕީއެމްގެ ލީޑަރޝިޕްއާ ދެމެދު އުފެދެންފެށި ސީރިއަސް ހިޔާލު ތަފާތުވުންތަކަކާ ގުޅިގެން، އެމަނިކުފާނު ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން ޕީއެންއެފް ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. އަދި ޕީޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.




