މާލެ ސަރަޙައްދުގެ ވައި މިއަދުވެސް ނުސާފުކޮށް ހުންނާނެކަމަށް މޫސުމާބެހޭ ޤައުމީ މަރުކަޒުން ލަފާކުރައްވައިފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި މާލެ ސަރަޙައްދުގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކުގައި ވެސް ވައި ނުސާފުވާނެއެވެ. އެހެންނަމަވެސް، ދެކުނު ސަރަޙައްދުގެ ރަށްތަކުގައި ވައި ނިސްބަތުން ސާފުކޮށް ހުންނާނެކަމަށް އަންދާޒާކުރެވޭ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އިތުރަށް ފާހަގަކުރައްވާފައި ވަނީ، މިހާރު ރާއްޖޭގެ ވައި ނުސާފުވެފައިވަނީ އިރުމަތިން އަންނަ ދުމުގެ ސަބަބުންނެވެ. މީގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް އެއިދާރާއިން ބުނެފައިވެއެވެ.
މިގޮތުން، މާލެ ސަރަޙައްދުގައި މިވަގުތު ލޮލަށް ފެންނަ ދުރުމިން 4 ކިލޯމީޓަރަށްވުރެ ދަށްވެފައިވާކަން ހާމަކޮށް އެއިދާރާއިން ބުނީ މިއީ އާންމު ދުވަސްތަކުގައި 10 ކިލޯމީޓަރަށްވުރެ ދުރަށް ފެންނަ މިންވަރާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެއް ކަމަށެވެ.



