ހއ. އުލިގަމުގައި ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުލިގަމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މި ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އަދަމް ޝަރީފް ޢުމަރެވެ.
މި މަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާ ގޮތަށް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އުލިގަމުގެ ކައުންސިލް އިދާރާގެ އިމާރާތުގެ މަސައްކަތް ހިމެނިފައިވަނީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތް އެޅުމުގެ މަޝްރޫޢުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން އަޅާ އިމާރާތްތައް ނިންމުމަށް ކަނޑައަޅާފައިވަނީ 2 އަހަރާއި 6 މަސް ދުވަހުގެ މުއްދަތެކެވެ. މި އިމާރާތްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، އަދި ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންގެ މަސައްކަތަށް ފަހިވާނެ ގޮތަށް ފަރުމާކުރެވިފައިވާ އިމާރާތްތަކެކެވެ.
ސަރުކާރުން މިހާތަނަށް ރާއްޖޭގެ 105 ރަށެއްގައި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމަށް ވަނީ އިޢުލާނުކޮށްފައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ ކައުންސިލްތަކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.



