ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީގެ 10 ރަށަކަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ އެކި އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރެއްވި ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަދި ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ އެންމެ މުހިން ކަންކަމާއި ގުޅޭގޮތުން އެމަނިކުފާނު ވަނީ މަޝްވަރާކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި، ހއ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ފައްޓަވައިދެއްވުމުގެ އިތުރުން، ނިމިފައިވާ ބައެއް މަޝްރޫޢުތައް ވަނީ އިފްތިތާޙު ކުރައްވަފައެވެ. ޚާއްޞަކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް ރައީސް ވެފައިވާ ވަޢުދު ފުއްދެވުމުގެ ގޮތުން، ބައެއް ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ވެސް ވަނީ ކައުންސިލްތަކާއި ޙަވާލުކޮށްފައެވެ.
ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާ މުޚާޠަބުކުރައްވާ ވަހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި ރައްޔިތުންގެ ބޭނުންތަކަށް އަވަސް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނާއިއެކު ސަރުކާރުގެ ވަޒީރުންނާއި އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.



