ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަޑުޖެހިފައިވާ އެންމެހާ މަޝްރޫޢުތައް ކުރިއަށް އޮތް ފެބްރުއަރީ މަހު އަލުން ފެށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް އިއުލާން ކުރެއްވީ ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އުލިގަމަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން މަޝްރޫޢުތައް ހަވާލުކޮށްފައިވާ ގޮތުގެ ސަބަބުން ގިނަ މަޝްރޫޢުތަކުގެ މަސައްކަތް ވަނީ ކުރިއަށް ނުގޮސް މަޑުޖެހިފައެވެ. މިސާލެއްގެ ގޮތުން އުލިގަމު ދަނޑުގެ މަޝްރޫޢު ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެ މަޝްރޫޢު ކުރިއަށްނުދަނީ ދަނޑަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހަމަނުކޮށް ހުރުމުގެ ސަބަބުން ކަމަށެވެ.
”މި ސަރުކާރުން މިހާރު ވަނީ އެކަމަށް ބަދަލު ގެނެސްފަ. މީގެ ފަހުން ދަނޑު ތަރައްޤީކުރާއިރު، ހުރިހާ ވަސީލަތަކާއެކު ފުރިހަމަ ދަނޑެއް ތަރައްޤީކުރާނީ އެއް ކުންފުންޏަކުން,“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މިފަދަ މަޝްރޫޢުތައް ހަވާލު ކުރާނީ ސަރުކާރުގެ ކުންފުނިތަކާ ކަމަށާއި އުލިގަމުގެ ސްކޫލުގެ މަސައްކަތްވެސް މި އައު ސިޔާސަތުގެ ދަށުން އަލުން ފެށޭނެކަމަށެވެ.
”ރާއްޖޭގެ ހުރިހާ ރަށެއްގައި މިހެން ހުރިހާ މަޝްރޫޢުއެއް ހުއްޓިފައި ހުރީ މިހެންވެފަ. ހުރިހާ މަޝްރޫޢުތައް ސޯޓްއައުޓްކުރެވި ފެބުރުއަރީ މަހު ހުރިހާ މަޝްރޫޢުއެއް ހިނގައިގަންނާނެ,“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އުލިގަމުގެ ތަރައްޤީއަށް ޔޮޓް މެރީނާއެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފެބްރުއަރީ މަހު ފެށިގެންދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސްޕޯޓްސް ފިޝިންގއަށް ބޭނުންވާ ބޮއި ހަރުކުރުމުގެ މަސައްކަތްވެސް ފެބްރުއަރީ މަހު ނިމި، އޭގެ ފައިދާ އުލިގަމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.



