40 އަށްވުރެ ގިނަ ރަށުގައި އެމްޓީސީސީ އިން ޤާއިމުކޮށްފައިވާ ރާއްޖެ ޓްރާެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ހއ. އަތޮޅަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. މޮޅަދޫގައި ބޭއްވެވި ބައްދަލުވުމެއްގައި މިކަން ހާމަކުރައްވާ ރައީސް ވިދާޅުވީ އާރްޓީއެލްގެ ފެރީ ނިޒާމުގެ ދަށުން އެމްޓީސީސީ އިން އިމާރާތްކޮށްފައިވާ ގިނަ ފެރީ ޓާމިނަލްތައް މިހާރު ހުރީ ބޭނުންނުކޮށް ހުސްކޮށް ކަމަށެވެ.
މިކަމުގެ ސަބަބުން އެ ތަންތަން ވީރާނާވެގެން ދިއުމުގެ ބިރު އޮތްކަމަށް ފާހަގަކުރައްވައި ރައީސް ވުދާޅުވީ މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އެފެސިލިޓީތައް ކައުންސިލްތަކާއި ހަވާލުކުރުމަށް އެމްޓީސީސީއަށް އަންގަވާފައިވާ ކަމަށެވެ.
”މި ޓާމިނަލްތައް ވީރާނާވެގެން ދިއުމުގެ ބަދަލުގައި، އަޅުގަނޑު ވާނީ އެމްޓީސީސީއަށް އަންގާފައި 46 ރަށުގައި ހުރި މި ފެސިލިޓީތައް ކައުންސިލްތަކާ އެއްބަސްވުމެއްގެ ދަށުން ހަވާލުކުރުމަށް،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ފެބްރުއަރީ މަސް ނިމުމުގެ ކުރިން މި ޓާމިނަލްތައް ރަށު ކައުންސިލްތަކާ ހަވާލުކުރެވި، އާންމުންނަށް ޚިދުމަތް ދޭން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އާރްޓީއެލްގެ ފެރީ އަދި ބަހުގެ ޚިދުމަތް ފުރަތަމަ ތަޢާރަފުކުރެވުނީ ކުރީގެ ސަރުކާރުގެ ދައުރުގައެވެ.




