ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވިއިރު ހަވާލު ކުރެއްވި މަސައްކަތް އަދާ ކޮށްފައި ވާނީ ޝައުގުވެރިކަމާއި އިޙްލާސްތެރިކަމާ ތެދުވެރިކަމާއެކު ކަމަށް އެމަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފައިސަލު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޓޫރިޒަމް މިނިސްޓަރު ކަމުން ފައިސަލް ވަކިކުރެެއްވީ މިމަހުގެ 28 ވަނަ ދުވަހުގައެވެ.
އޭގެފަހުން މިއަދު ސޯޝަލް މީޑިއާގައި ފައިސަލް މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ދެއްވި އެ ފުރުސަތަށް ރައީސް މުޢިއްޒުއަށް ޝުކުރު އަދާ ކުރައްވާފައެވެ.
”ވޭތުވެ ދިޔަ ތަނުގައި، އަޅުގަނޑާ ހަވާލު ކުރެއްވި މަސައްކަތް އަޅުގަނޑު އަދާ ކޮށްފައި ވާނީ ޝައުގުވެރިކަމާއި އިޙްލާސްތެރި ކަމާއެކު ތެދުވެރިވެ ހުރެ. އަޅުގަނޑު ޤާބިލިއްޔަތު ތަންދިން އެންމެ އުސް ދަރަޖައިގައި ވަރުބަލިކަމެއް ނުވެ ހުރެ. އަޅުގަނޑާ ހަވާލު ކުރެއްވި ޓޫރިޒަމްގެ އަމާޒުތަކަށް ވާސިލުވާން މަސައްކަތްކޮށްފައި ވާނީ ދިވެހިރައްޔިތުންނާއި ގާތުން.“ ފައިސަލް ވިދާޅުވިއެވެ.
ދިވެހި ސަރުކާރާއެކު ރާއްޖެއަށް ޚިދުމަތް ކުރި އިރު، ރައީސް މުޢިއްޒުގެ ފަރާތްޕުޅުންނާއި، އެމަނިކުފާނުގެ ކެބިނެޓުންނާއި، ޓޫރިޒަމް މިނިސްޓަރީގެ ސިޔާސީ މުވައްޒަފުންނާއި އަދި ސިވިލްސާވިސް މުވައްޒަފުންގެ ފަރާތުން ނުހަނު ބޮޑު އެއްބާރުލުމެއް ދެއްވިކަން ވެސް ފައިސަލް ފާހަގަ ކުރެއްވިއެވެ. އަދި އެ ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެއިތުރުން ޓޫރިޒަމް އިންޑަސްޓްރީ އާއި އެ އިންޑަސްޓްރީގައި ހިމެނޭ މަޓީ، މަޓާޓޯ އަދި ގެސްޓް ހައުސް އެސޯސިއޭޝަނާއި އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް، އޭނާއަށް ދެއްވި އެއްބާރުލުމަކީ ޚިދުމަތް ކުރުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމުގައިވެސް ވިދާޅުވިއެވެ.
”ދިވެހި ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދާން ޖެހޭ. އެކަމަށް މިހާރު ދިވެހިން އަޅާންޖެހޭ އެންމެ ބޮޑު ފިޔަވަޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަރަށް ބޮޑު ޝައުގުވެރި ކަމެއް އޮތް ފިޔަވަޅުތަކެއް. އެއީ ޓޫރިޒަމްގެ ފަހި ފުރުސަތުތައް ޒުވާނުންނަށް ހޯދައިދީ، އިންވެސްޓްކޮށް ޒުވާނުންގެ ބައިވެރިވުމާއެކު ދިވެހި ޓޫރިޒަމް ދިވެހިންގެ އަތް މައްޗަށް ގެނައުން. އިތުރު އެނދު ތަރައްގީ ކުރާނެ ފަންޑު ހޯދައި ދިނުމާއެކު ފަސޭހަ ފަހި މާހައުލެއް ޒުވާނުންނަށް އުފައްދައި ދިނުން“ ކުރީގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެގޮތުން ފައިސަލް ވިދާޅުވީ، ކުޑަ އިންޓްރަސްޓެއްގައި ލޯނު ދިނުމާއި ޓޫރިޒަމް ނެތް ދިމަ ދިމާއަށް ލުއިތައް ހޯދައިދީ ކަނެކްޓިވިޓީ އިތުރު ކުރާން ޖެހޭ ކަމަށެވެ. އަދި ލ. ހުޅިމެންދޫގައި ތަރައްގީ ކުރަން ނިންމާފައިވާ ޓޫރިޒަމް ޓްރޭނިން ސްކޫލްގެ އުފެދި ތަރައްގީވާން ޖެހޭ ކަމަށާއި ޒަމާންވެ ނުހެދި، ސިމެންތިއަށް ވެފައިވާ ރަށްތަކުގެ ވެރިންނާ ވާހަކަ ދައްކައި މާކެޓަށް ނެރެވޭނެ ގޮތް ހޯދައިދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ޓޫރިޒަމަކީ ރާއްޖޭގެ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދޭ އިންޑަސްޓްރީ ކަމަށާއި އެ އިންޑަސްޓްރީ ފުޅާކޮށް ޒަމާނީ ކުރުމާއެކު މާކެޓްކޮށް އެކްސްޕްލޯ ކުރުމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން ދީފައި އޮންނަ ބެޖެޓް 25 މިލިއަނާއި 50 މިލިއަން ޑޮލަރު ދެމެދުގެ އަދަދަކަށް ބަދަލުވާންޖެހޭ ކަމަށާއި އެކަން ބަދަލުވެ އެ ބަޖެޓް ބޮޑުވާން ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
މީގެއިތުރުން، ޓޫރިޒަމާމެދު އޭނާގެ ހިތުގައި، މެދުރާސްތާގެ ތަސައްވުރެއް އޮތް ކަމަށާއި އެއީ މީގެ 15 އަހަރު ފަހުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި 6،000 އާއި 8،000 އާ ދެމެދު އެނދު އުފައްދާ ބައިނަލްއަޤުވާމީ އެއާޕޯޓްތަކާއެކު ޝެޑިއުލް ފްލައިޓްތައް އަޅާން ފަށައި ދިވެހި ޓޫރިޒަމް ފުޅާވުން ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް މެރީނާ ހަދައި ކްރޫޒްލައިނާތަކަށް ޖާގަ ހޯދައި ދިނުމާއެކު ޓޫރިޒަމް ސިންދަފާތުކޮށް މެޑިކަލް ޓޫރިޒަމާއި ސްޕޯޓް ޓޫރިމާއި ހެރިޓޭޖް ޓޫރިޒަމް ފުޅާ ޖާގަ ހޯދައި ދިނުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.



