”މަކިޓާ“ ބްރޭންޑުގެ ފޭކު އުފެއްދުންތަކަށް ސަމާލުވުމަށް ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) އިން އިލްތިމާސް ކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި ”މަކިޓާ“ ބްރޭންޑުގެ އުފެއްދުންތަކުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރަކީ އެކުންފުނި ކަމަށާއި މިގޮތުން ”މަކިޓާ“ ބްރޭންޑުގެ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާ، ފެންވަރު ރަނގަޅު އޮރިޖިނަލް އުފެއްދުންތައް ރާއްޖެ އެތެރެކޮށް ކަސްޓަމަރުންނަށް އެކުންފުނިން ފޯރުކޮށްދެމުން އަންނަތާ ގިނަ އަހަރުތަކެއްވެއްޖެ ކަމަށެވެ.
ނަމަވެސް އެކިގޮތްގޮތަށް ”މަކިޓާ“ ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވެފައިވާއިރު، ބާޒާރުގައި ނަކަލު (ފޭކް) އުފެއްދުންތައް ދައުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މިގޮތަށް ދައުރުވަމުންދާ އަސްލު ނޫން އުފެއްދުންތަކަކީ ކަސްޓަމަރުންނަށް އޭގެ ބޭނުން އެދެވޭގޮތުގައި ހިފޭނެކަމުގެ ޔަޤީންކަން ނެތް، ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނެތް އުފެއްދުންތަކެއް ކަމަށްވާތީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް، ގަންނަ އުފެއްދުންތައް ގަތުމުގެ ކުރިން އެ އުފެއްދުންތަކަކީ އޮރިޖިނަލް އުފެއްދުންތައްކަން ކަށަވަރުކުރުމަށްފަހު ނޫނީ ނުގަތުމަށް އެސްޓީއޯ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެސްޓީއޯގެ އައުޓްލެޓްތަކުން އަދި އެސްޓީއޯއިން ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ”މަކިޓާ“ ބްރޭންޑުގެ އޮރިޖިނަލް އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާއިރު، ”މަކިޓާ“ ބްރޭންޑުގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށް، އެސްޓީއޯ ސަރވިސް ސެންޓަރުން އާފްޓަރ ސޭލްސް ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިން ނުވަތަ އެސްޓީއޯގެ ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ގަންނަ ”މަކިޓާ“ ބްރޭންޑުގެ އުފެއްދުންތަކަށް އެކަނިކަމަށް ވެސް އެސްޓީއޯ އިން ބުނެފައިވެއެވެ.
އެހެންކަމުން، ”މަކިޓާ“ ބްރޭންޑުގެ ފޭކު އުފެއްދުންތަކާމެދު ސަމާލުވުމަށް އެސްޓީއޯއިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފައެވެ. އަދި ”މަކިޓާ“ ބްރޭންޑުގެ އުފެއްދުންތަކުގެ އަސްލުކަން ކަށަވަރުކުރުމަށް އެހީތެރިކަމެއް ބޭނުންވާނަމަ، އެސްޓީއޯ ”މަކިޓާ“ ޝޯރޫމަށް ޒިޔާރަތް ކުރުމަށް ވެސް އެ ކުންފުނިން އެދިފައިވެއެވެ.
މި ފުރުސަތުގައި ”މަކިޓާ“ ބްރޭންޑުގެ އަސްލު އުފެއްދުންތަކާއި ފެންވަރު ރަނގަޅު ޚިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި އެސްޓީއޯ އިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ވެސް އެކުންފުނިން ދީފައިވެއެވެ.




