މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުالله ޚަލީލް މިހާރު ސައުދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް ހައިނަސް ޕްރިންސް ފައިޞަލް ބިން ފަރްހާން އަލް-ސައުދްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ސައުދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ، ދެ ޤައުމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި މި ގުޅުން ދަމަހައްޓައި އިތުރަށް ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމާ ބެހޭގޮތުން ދެ މިނިސްޓަރުން މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރ ޚަލީލްވަނީ ސައުދީ ޢަރަބިއްޔާއިން ރާއްޖޭއަށް ދެމުންގެންދާ އަހައްމިއްޔަތުކަމާއި ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރުފުޅަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ދެ ޤައުމަށްވެސް މުހިއްމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށާއި ބައިނަލްއަޤްވާމީ މަސްރަހުގައި އެއްބާރުލުން އިތުރުކުރުމަށްވެސް ދެ މިނިސްޓަރުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރުގެ އަރިހުގައި، ސައުދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރާއި ސެކްރެޓަރީ، ބައިލެޓަރަލް ޑޮކްޓަރ ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ ޚަދީޖާ ނަޖީހާއާއި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރ އަޙްމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވިއެވެ.




