މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ތުރުކީވިލާތުގައި މަތީ ތައުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވާލައިފައެވެ.
އެ މިނިސްޓްރީއިން ހާމަކުރި ގޮތުގައި މި ސްކޮލަރޝިޕްތަކުގެ ދަށުން ފުރުސަތު ދެވެނީ ތުރުކީގެ ޔުނިވަރސިޓީތަކުގައި ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ފެންވަރުގެ ކޯސްތައް ފުރިހަމަކުރުމަށެވެ. މި ފުރުސަތަށް އެދޭ ފަރާތްތަކުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތަކާއި، ކޯސް ހިންގާ ޔުނިވަރސިޓީން އިތުރު ޝަރުތުތަކެއް ކަނޑައަޅާފައިވާނަމަ އެ ޝަރުތުތައް ފުރިހަމަވާންޖެހޭނެއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ދަތުރުފަތުރުގެ ހަރަދާއި، ކިޔެވުމުގެ ފީއާއި، ސިއްހީ އިންޝުއަރެންސްގެ އިތުރުން ދިރިއުޅުމުގެ ބައެއް ޚަރަދުތައް ހަމަޖެހިގެން ދާނެއެެވެ. އަދި ގިނަ ދާއިރާތަކަކުން ކިޔެވުމުގެ ފުރުސަތު މި ސްކޯލާރޝިޕްގެ ދަށުން ހުޅުވާލާފައިވެއެވެ.
މިނިސްޓްރީ އިން އިތުރަށް ހާމަކުރި ގޮތުގައި ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކެއް ނޮމިނޭޓް ކުރެވޭނެއެވެ. ނަމަވެސް ސްކޮލަރޝިޕަށް ދަރިވަރުން ހޮވުމުގެ ނިންމުން އޮންނާނީ ސްކޮލަރޝިޕް ދޭ ފަރާތުގެ އަތްމަތީގައި ކަމަށް މިނިސްޓްރީއިން ވަނި ބުނެފައެވެ.
ސްކޮލަރޝިޕަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އެޑިޔު ޕޯޓަލް މެދުވެރިކޮށެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.




