ރާއްޖޭގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީނު ކޯހެއް ތައްޔާރުކޮށް ހިންގުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރެވެ. އަދި ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި މި އެއްބަސްވުމަކީ ”އެންދެރި“ މަޝްރޫޢުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ރާއްޖޭގެ ތިމާވެށްޓާއި، އިޖްތިމާޢީ އަދި އިދާރީ ހިންގުމުގެ ޚާއްޞަ ސިފަތަކަށް ރިޢާޔަތްކޮށް ކޯހެއް ފަރުމާކުރުމެވެ.
މި ކޯހުގެ ސަބަބުން ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ލިބިފައިވާ ފަރާތްތައް ތަމްރީނުކުރެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ލ. އަތޮޅަށް އަމާޒުކޮށްގެން ހިންގޭ މި ކޯހުގައި ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޒީ މަސައްކަތް، އިޖުތިމާޢީ ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އުފެއްދުން، އަސާސީ ކޮމްޕިއުޓަރ ސްކިލްސް އަދި ނެވިގޭޝަން ފަދަ މާއްދާތައް ހިމެނޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއްވިއެވެ.



