ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރި އިޓަލީގެ ފަތުރުވެރިއަކު، ދިވެހީންގެ އޯގާތެރިކަމާއި ހިތްހެޔޮކަން ފެނި، އިސްލާމްދީން ޤަބޫލުކޮށްފިއެވެ.
ލޯބިވެރިޔާއާއެކު ޗުއްޓީއެއް ހޭދަކުރުމަށް ރާއްޖެއައި ފަތުރުވެރިޔާ ސޯޝަލް މީޑިއާގައި ހިއްސާކުރި ގޮތުގައި، އެމީހުން ޗުއްޓީ ހޭދަކުރަމުންދިޔައީ އާންމުން ދިރިއުޅޭ ރަށެއްގައެވެ. އެރަށުގައި ތިބެ، ސްނޯކްލިންގ ކުރަމުންދަނިކޮށް، އޭނާގެ ލޯބިވެރިޔާގެ ފޯނު މޫދަށް ވެއްޓުނެވެ. ގިނަ ވަގުތު ހޭދަކޮށްގެން ހޯދުމަށްފަހުވެސް ފޯނު ނުފެނުމުން، އެމީހުން އުންމީދު ކަނޑާލިއެވެ.
މި ހާދިސާގެ ވާހަކަ އެރަށުގެ މީހަކާ ހިއްސާކުރުމުން، އެރަށުގެ ރައްޔިތުން އެތައް ގަޑިއިރެއް ވަންދެން މަސައްކަތްކޮށް، ފޯނު ހޯދައިދިނެވެ. މިކަމުން ފަތުރުވެރިޔާ ވަރަށް ބޮޑަށް ޝުކުރުވެރިވިއެވެ.
ދިވެހިންގެ މިފަދަ އޯގާތެރި އަދި އެހީތެރި ސިފަތަކަކީ އިސްލާމްދީނުގެ ސަބަބުންތޯ ސުވާލުކުރުމަށްފަހު، ފަތުރުވެރިޔާ އިސްލާމްދީނާ މެދު ޝައުޤުވެރިވެ، އިތުރަށް މަޢުލޫމާތު ހޯދަން ބޭނުންވިއެވެ. އެހެންކަމުން، އެންކަމުން، އޭނާ މާލޭގައި އިތުރު ފަސް ދުވަސް މަޑުކޮށް، ދީނީ ޢިލްމުވެރިއަކާ ބައްދަލުކޮށް، އިސްލާމްދީނާ ބެހޭ މަޢުލޫމާތު އޮޅުންފިލުވައި، ޝަހާދަތް ކިޔައި އިސްލާމްވިއެވެ.
ފަތުރުވެރިޔާ ބުނި ގޮތުގައި، އިސްލާމްދީނުގެ އަޅުކަންތަކާއި، ޚާއްޞަކޮށް ޒަކާތުގެ މަފްހޫމް އެނގުމުން، އޭނާ ވަރަށް ބޮޑަށް ޖަޒުބާތުވެ، ކަރުނައައެވެ. އަދި މި ތަޖުރިބާގައި އޭނާއަށް އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރިއެވެ.




