ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު ދިމްޔާތުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު ވެއްޓި އަނިޔާވެ، ފަރުވާދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފިއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ މިހާދިސާގެ ވީޑިއޯގައި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސަރަހައްދުން އަނިޔާވެފައިވާ މީހަކު ނަގައިގެން ގެންދާ މަންޒަރާއި އަނިޔާވި މީހާ އެމްބިއުލާންސަށް އަރުވައިގެން ގެންދާ މަންޒަރު ފެނިގެންދެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އަނިޔާވެފައިވަނީ ދިމްޔާތުގެ އެއްވަނަ ފަންގިފިލާގެ ބޭރުގައި ކުލަލާން އުޅުނު އިންޑިއާ ރައްޔިތެކަށެވެ.
މިހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 5:00 ހާއިރު ކަމަށް މައުލޫމާތު ލިބިފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ މިހާރު އެމީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން ތަހުގީގުކުރަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.




