އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތްތަކުގައި ފަންޑު ފޮށި ބެހެއްޓުމާ ގުޅޭ ގަވާއިދެއް އެކުލަވާލަން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައި ނިންމާފައިވަނީ ފަހަކަށް އައިސް މިސްކިތްތަކުގައި އެކި ކަންކަމަށް ފަންޑު ހޯދުމަށް ފަންޑު ފޮށި ބެހެއްޓުމަށް އެދޭ ފަރާތްތައް ގިނަވަމުން އައުމާ ގުޅިގެންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މި ގަވާއިދު އެކުލަވާލެވޭނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ގަވާއިދުގެ ތެރެއިންނެވެ. އަދި މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ގަވާއިދުގެ ދަށުން، މިސްކިތްތަކުގައި ފަންޑު ފޮށި ބެހެއްޓުމުގެ ހުއްދަ ދެވޭނީ ހޯދާ ފައިސާ ހަރަދުކުރާނެ ގޮތުގެ ތަފްސީލު ހުށަހެޅުމުންނެވެ. އަދި ހުއްދަ އައުކުރެވޭނީ ކުރިން ހޯދި ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލާއި އޮޑިޓް ރިޕޯޓް ހުށަހެޅުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު ވެސް މިސްކިތްތަކުގައި ފަންޑު ފޮށި ބެހެއްޓުމަށް އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ހުއްދަ ނުހޯދައި ފަންޑު ފޮށި ބެހެއްޓުމުގެ އިތުުރުން، ބައެއް މިސްކިތްތަކުގައި ބެހެއްޓިފައިވާ ފަންޑު ފޮށިތަކަށް ގެއްލުން ދިނުމާއި ވަގަށް ނެގުމުގެ މައްސަލަތައް ވެސް ވަނީ ދިމާވެފައެވެ.



