އިދިކޮޅު އެމްޑީޕީގެ ފަރާތުން މިރޭ މާލޭގައި ބޭއްވި ހިނގާލުން، ފުލުހުންގެ ހުރަސްއެޅުމަކާ ނުލައި ނިންމާލައިފިއެވެ.
އެމްޑީޕީން ”ފުދިއްޖެ ފުނޑިއްޖެ“ ގެ ނަމުގައި، އާޓިފިޝަލް ބީޗު ސަރައްދުގައި، މިރޭ 8:00 ގައި ވަނީ އެއްވުމެއް ބާއްވާފައެވެ.
އެ އެއްވުމުގައި އިދިކޮޅު އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ ބައެއް މެންބަރުންނާއި، އެ ޕާޓީގެ ބައެއް މެންބަރުން ވެސް ވަނީ ބައިވެރިވެފައެވެ. އާޓިފިޝަލް ބީޗުގެ އެއްވުމަށް އެ ޕާޓީގެ މެންބަރުން ވަނީ މަގުތައް މައްޗަށް ނިކުމެ، ޕިކަޕް ބުރުތަކެއް ވެސް ޖަހާފައެވެ.
މި އެއްވުން ނިންމާލާފައިވަނީ މިރޭ 11:00 ގައި، އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.
އެމްޑީޕީގެ އެއްވުން ބޭއްވިއިރު، މަގުތައް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވެފައިވެއެވެ. ނަމަވެސް އެ އެއްވުމަށް ފުލުހުން ހުރަސް އަޅާފައިނުވާ ކަމަށާއި، އެމްޑީޕީގެ ޕިކަޕް ބުރަށް މަގުތަކުން ޖާގަ ހަދައިދިންކަން ވެސް ފާހަގަ ކުރެވުނެވެ.
އަދި މިނިވަންކަމާއެކު އެއްވުމުގެ ބައިވެރިންނަށް އެމީހުންގެ ޝުޢޫރުތައް ފާޅުކުރެވުނުކަން ވެސް ފާހަގަ ކުރެވެއެވެ.




