ހުކުރު ދުވަހުގެ ރެޔަކީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި އައި ތާރީހީ ރެޔެއް ކަމަށް ސްޓެލްކޯ ގެ މެނޭޖިން ޑިރެކްޓރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީއިން ރޭ މާލޭގައި ކުރިޔަށް ގެންދިޔަ ބޮޑު ހިނގާލުމާއި ގުޅިގެން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ ފެނިގެން ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމަށް ފުރުސަތު ދޭ މިންވަރު ކަމަށެވެ.
ފަހުމީ ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް ސަރުކާރެއްގައި، އިދިކޮޅު ފަރާތްތަކަށް މިނިވަންކަމާއިއެކު މުޒާހާރު ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިފަދަ ފުރުސަތެއް ކުރީގެ އެއްވެސް ސަރުކާރަކުން ދީފައި ނުވާއިރު، މިއީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އައު އުސޫލެއްގެ ފެށުން ކަމަށްވެސް ފަހުމީ ފާހަގަ ކުރެއްވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ ރޭގެ މުޒާހަރާއިން ދައްކުވައިދެނީ ޤާނުނޫ އަސާސީއިން ރައްޔިތުންނަށް ލިބިދޭ ހައްޤުތައް ރައްކާތެރިކުރުމާއި، ސިޔާސީ ގޮތުން އެންމެންގެ ބައިވެރިވުން ކަށަވަރު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަހައްމިއްޔަތު ކަން ދޭ މިންވަރު ކަމަށެވެ.

”ފުދިއްޖެ، ފުނޑިއއްޖެ“ ގެ ނަމުގައި ރޭ މާލޭގައި އިދިކޮޅު އެމްޑީޕީއިން ބޮޑު ހިނގާލުމެއް ބާއްވާފައިވާއިރު، ފުލުހުންގެ ފުރިހަމަ އެއްބާރުލުން މި ހިނގާލުމަށް ލިބިގެން ދިޔަ ކަން ފާހަގަކޮށްލެވެއެވެ. ހިނގާލުން ކުރިޔަށް ދިޔަ ވަގުތު، މަގުމަތީގެ ސަލާމަތީ ކަންކަމާއި، ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ވަނީ އެހީތެރިވެދީފައެވެ. ރޭ 8:30 ގައި ފެށި މި ހިނގާލުން ސުލްހަވެރިކަމާއިއެކު ނިންމާލާފައިވަނީ 11:45 ހާ އިރުއެވެ. ބޮޑުތަކުރުފާނު މަގުގައި ކުރިޔަށް ދިޔަ މި ހިނގާލުމުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.



