އިދިކޮޅު އެމްޑީޕީގެ ހިނގާލުމުން ފެނިގެން ދިޔައީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮތް މިންވަރު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރޭ 8:00 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި އެމްޑީޕީން ބޭއްވި ”ފުދިއްޖެ ފުނޑިއްޖެ“ އެއްވުމުގައި އެ ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެފައިވެއެވެ. އަދި ޕިކަޕް ބުރެއް ވެސް މާލޭގެ މަގުތައްމަތީގައި އެ ޕާޓީން ވަނީ ރޭގައި ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތުގައި އެމްޑީޕީން މަގުތައްމަތީގައި ހަރަކާތްތެރިވީއިރު، ގިނަ އަދަދެއްގެ ފުލުހުން ވެސް މަގުތައް ބަލަހައްޓާ، ކޮންޓްރޯލު ކުރުމުގައި ހަރަކާތްތެރިވިއެވެ. ނަމަވެސް އެމްޑީޕީގެ އެ އެއްވުމަށް އެއްވެސް ވަރަކަށް ފުލުހުން ހުރަސް އަޅާފައިނުވާކަން ފާހަގަ ކުރެވުނެވެ.
އެމްޑީޕީން މާލޭގައި ބޭއްވި ހިނގާލުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިއްބައިދީ ހިމާޔަތްކުރުން ކަމަށެވެ.
މީގެއިތުރުން ހީނާ ވިދާޅުވީ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވެ، އެ މުޒާހަރާ ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނެތި ފުރުސަތު ދިނުމުން، ހާމަވެގެންދިޔައީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަންފަދަ ހައްޤުތައް ހިމާޔަތްކުރުމަށް މިސަރުކާރުން ދޭ އަހައްމިޔަތު ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށެވެ.



