ތަކުރާރުކޮށް ޤުރްއާން އަންދާލި ސަލްވާން މޮމިކާގެ ގަޔަށް މިދިޔަ ބުދަ ދުވަހު ބަޑިޖަހާ މަރާލައިފިއެވެ.
ސަލްވާނަކީ ސްވިޑަންގައި ދިރިއުޅުނު އިރާޤުގެ ރައްޔިތެކެވެ. އޭނާވަނީ އިސްލާމްދީނާ ދެކޮޅަށް މީގެކުރިން ބޭއްވި އެތައް އެއްވުންތަކެއްގައި ބައިވެރިވެ، އެންމެންގެ ކުރިމަތީގައި ޤުރްއާން އަންދާލައި މީހުންގެ ހިތްތަކުގައި އޭނާގެ މައްޗަށް އިންތިހާއަށް ނަފްރަތު އުފައްދާފައެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ސަލްވާން މަރާލާފައިވަނީ، ޤުރްއާން އަންދާލި މައްސަލައިގައި އޭނާގެ މައްޗަށް އެދުވަހު ކޯޓުން ހުކުމްކުރަން ހަމަޖެހިފައި ވަނިކޮށެވެ. އޭނާ މަރާލާފައިވަނީ ސޮދަރްތާލްޖޭ އަވަށުގައި ހުރި ގެއެއްގެ ތެރޭގައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ސްވިޑަންގެ ފުލުހުން ބުނެފައިވަނީ، ސަލްވާންގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ ފަސް މީހަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ސްވިޑަންގެ ބޮޑުވަޒީރު އުލްފް ކްރިސްޓާސަން ބުނީ ސަލްވާންގެ މަރުގެ މައްސަލައިގައި، އެހެން ޤައުމެއްގެ އަތެއްވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި އެހެންކަމުން ދިފާއީ ބާރުތައް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.




