ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް މި ސަރުކާރުން ރޭގައި ދިން ފުރުސަތަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ތައުރީފު ކުރައްވައިފިއެވެ.
އާޒިމާ މިފަދައިން ތައުރީފު ކޮށްފައިވަނީ ރޭ 8:00 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި އެމްޑީޕީން ބޭއްވި ”ފުދިއްޖެ ފުނޑިއްޖެ“ އެއްވުމަށް ސަރުކާރާއި ފުލުހުން ދެއްވި އެއްބާރުލުމަށް އިޝާރާތްކުރައްވާފައެވެ.
ރޭގެ އެ އެއްވުމުގައި އެ ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެފައިވެއެވެ. އަދި ޕިކަޕް ބުރެއް ވެސް މާލޭގެ މަގުތައްމަތީގައި އެ ޕާޓީން ވަނީ ރޭގައި ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތުގައި އެމްޑީޕީން މަގުތައްމަތީގައި ހަރަކާތްތެރިވީއިރު، ގިނަ އަދަދެއްގެ ފުލުހުން ވެސް މަގުތައް ބަލަހައްޓާ، ކޮންޓްރޯލު ކުރުމުގައި ހަރަކާތްތެރިވިއެވެ. ނަމަވެސް އެމްޑީޕީގެ އެ އެއްވުމަށް އެއްވެސް ވަރަކަށް ފުލުހުން ހުރަސް އަޅާފައިނުވާކަން ފާހަގަ ކުރެވުނެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އާޒިމާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭގައި އެފެނުނު މަންޒަރަކީ ވަރަށް ވެސް ހިތްހަމަޖެހުނު މަންޒަރެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި ފުލުހުން، ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަން ކަމަށް ރޭގައި ދެއްވި އެއްބާރުލުމަށް މަރުހަބާ ކިޔާ ކަމަށެވެ.




