މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މުޅި މާލެއިން ކަރަންޓުގެ ހިދުމަތް މިއަދު ހެނދުނު ވަނީ މެދުކެނޑިފައެވެ.
މި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި މިކަމާ ގުޅިގެން ދިމާވާނެ ދަތިތަކަށް އެކުންފުނިން މަޢާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މީގެ އިތރުކޮޅެެއް ކުރިން ސްޓެލްކޯއިން ބުނީ، މިހާރު އިންޖީނުގޭގެ އިންޖީނުތައް އަލުން ހިންގަން ފެށުމާއެކު ކަރަންޓު މެދުކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
އަދި މި ވަގުތު މާލޭގެ 75 އިންސައްތަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށާއި ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.




