ހދ. ހިރިމަރަދޫ ރައްޔިތުން އެދުނުގޮތަަށް، އެ އަތޮޅު ހަނިމާދޫއަށް ރައްޔިތުން ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާނު ކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ހދ. ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތަށް، އެރަށު ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި ކަމަށެވެ.
ހިރިމަރަދޫގެ އާބާދީ މަދުވުމުގެ ސަބަބުން އެރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް ސަރުކާރުގައި އެދެމެންއަންނަތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އަދި ކުރީގެ ސަރުކާރުތަކާއެކު ރަށު ކައުންސިލުންވެސް ވަނީ އެތައް މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބާއްވާފައެވެ.
އެގޮތުން ކ. ތުލުސްދޫއަށް އެރަށު ރައްޔިތުން ބަދަލު ކޮށްދިނުމަށް ވެސް ކުރިން އެދިފައިވެއެވެ. އެކަމަށް ތުލުސްދޫ ކައުންސިލުން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.
އާބާދީ ކުޑަ ހިރިމަރަދޫގެ އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.




