ޓިކެޓު އަގުތަކަށް ބަދަލު އައިސްފައިވާ ކަމަށް ދައްކަނީ ބުކިންގ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ.
މޯލްޑިވިއަނުން މިއަދު ކުރިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ބުކިންގ ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ފްލައިޓް ބުކިންގތައް ހެދުން ވަނީ ވަގުތީ ގޮތުން މެދުކެނޑިފައެވެ.
ނަމަވެސް މޯލްޑިވިއަނުން ފަހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނިން މިހާރު މި މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ދިމާވުމާ ގުޅިގެން، ބައެއް މަންޒިލުތަކަށް ދަތުރުކުރާ ޓިކެޓުތަކުގެ އަގު އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައިވާކަން ފާހަގަކޮށް މޯލްޑިވިއަނުން ބުނީ އެކަން އެހެން ދިމާވީ ބުކިންގ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިއާއިއެކު މޯލްޑިވިއަނުން ވަނީ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ކަމުގައިވާނަމަ، މޯލްޑިވިއަންގެ ހޮޓްލައިން ނަންބަރު 1671 އަށް ގުޅައިގެން ނުވަތަ cc@iasl.aero އަށް އީމެއިލް ކުރުމަށް އެދިފައެވެ.
މޯލްޑިވިއަނުން ވަނީ އެއާލައިންގެ ބުކިންގ ސިސްޓަމަށް ދިމާވި މައްސަލަ އާއި ގުޅިގެން ކަސްޓަމަރުންނަށް ކުރިމަތިވި އުނދަގޫތަކަށް މަޢާފަށް އެދިފައެވެ.



