އިލެކްޝަންސް ކޮމިޝަން (އީސީ) އިން މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އާމެދު ތަކުރާރުކޮށް ޢަމަދލުކޮށްފައިވަނީ ޤާނޫނާއި ކޯޓު އަމުރާވެސް ޚިލާފަށް ކަމުގައި އެ ޕާޓީން މިއަދު ބުނެފިއެވެ.
އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ސޮއިކޮށް އީސީއަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން އެމްއާރްއެމް އުވާލި ކަމަށް ނިންމާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ. އަދި އީސީގެ އެ ނިންމުން އެ ޕާޓީން ބަލައި ނުގަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
އެމްއާރްއެމްގެ ފަރާތުން ފޮނުވި އެ ސިޓީގައި ބުނެފައިވަނީ އެޕާޓީއާމެދު ތަކުރާރުކޮށް ޢަމަލު ކޮށްފައިވަނީ ޤާނޫނާއި އަދި ކޯޓުގެ އަމުރާއިވެސް ޚިލާފަށް ކަމަށެވެ. އަދި ހަމަ އެހެންމެ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، އިލެކްޝާންސް ކޮމިޝަންގެ ބައެއް މެންބަރުން ވަކިކުރުމަށް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި، ”ގަސްތުގައި ވަކި ސިޔާސީ ޕާޓީއެއް އުވާލުމަށް ވަގުފޯމު ހެއްދުމުގައި އަމަލީ ގޮތުން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެޕާޓީއަށް 3000 މެންބަރުން ހަމަވިޔަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ޢަލީ ނަޝާތުއާއި ކޮމިޝަންގެ މެންބަރު މުޙައްމަދު އާޞިފް އަދި ކޮމިޝަންގެ މެންބަރު ޑރ. މުޙައްމަދު ޒާހިރު މަސައްކަތްކޮށްފައިވާ ކަމަށް“ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
”އަދި މިކަމާ ގުޅިގެން ކޮމިޝަންގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފިޔަވަޅު އަޅުއްވާ، ކޮމިޝަންގެ މެންބަރުކަމުން ވަކިކޮށްފަ“ އެމްއާރްއެމްގެ ފަރާތުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
އެހެންކަމުން، އިލެކްޝަންސް ކޮމިޝަނުން ކުރީގައި އެ ޕާޓީއާއި މެދު ޢަމަލު ކޮށްފައިވާ ގޮތް އަލުން ތަހުޤީޤުކޮށް، ޤާނޫނާއި އެއްގޮތް ވާގޮގޮތުގެ މަތިން އެމްއާރްއެމް އާމެދު އަމަލު ކުރުމަށް އީސީ ރައީސްގެ އަރިހުން އެދޭ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.
ޤާނޫނު ލާޒިމުކުރާ، ސިޔާސީ ޕާޓީއެއްގައި 3،000 މެންބަރުން ތިބުން ފުރިހަމަ ނުވާ ކަމަށް ބުނެ، އީސީން އެމްއާރްއެމް އުވާލާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.



