ޣައްޒާގެ ހޮސްޕިޓަލެއްގައި ހިލޭ ހަތް މަސް ދުވަސް ވަންދެން މަސައްކަތް ކުރި އިނގުރޭސިވިލާތުގެ ޑޮކްޓަރު އިއްޔެ އެނބުރި ޤައުމަށް ގޮސްފިއެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ފަކްރް ސައިންޓިފިކްގެ ޗީފް ސަރޖަން ޑރ. މުޙައްމަދު ޠާހިރު އެނބުރި އޭނާގެ ޤައުމަށް ދިޔުމުން ހީތުރޯ އެއާޕޯޓުން އޭނާގެ އާއިލާއާއި ސަޕޯޓަރުންނާއި ފަޖްރް ސައިންޓިފިކްގެ ބައެއް އޮފިޝަލުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ނަމަވެސް އެންމެންގެ ސަމާލުކަން ދަމައިގަތް އެންމެ މުހިންމު ހިނދުކޮޅަށްވީ، ޑރ. ޠާހިރްއަށް އޭނާގެ މަންމަ ފެނުމުން ކުރި އަސަރެވެ. ލޮލުން ކަރުނަ އޮހޮރުމާއެކު ޑރ. ޠާހިރް އޭނާގެ މައިމީހާގެ ދެފައިގައި ބޮސްދީ، ދެމައިންވެސް ރޮމުން ރޮމުން އެކަކު އަނެކަކު ގައިގައި ބައްދާލިއެވެ.

ޑރ. ޠާހިރަކީ، އިޒްރޭލުން ޣައްޒާގެ ރައްޔިތުނަށް ދިން ހަމަލާތަށް އެންމެ ގާތުން ދުށް އެކަކެވެ. އެގޮތުން އޭނަވަނީ އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކާއި، ޑްރޯން ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ޒަހަމްތަކާއެކު ހޮސްޕިޓަލަށް ދިޔަކަން ފާހަގަ ކޮށްފައެވެ.
”ގިނަ މީހުން ހޮސްޕިޓަލަށް ގެންނައިރުވެސް ބޮމުގެ ހަމަލާގެ ސަބަބުން އަތެއް ނޫނީ ފައެއް ނުވަތަ ހަށިގަނޑުގެ ކޮންމެވެސް އެހެން ގުނަވަނެއް ވަނީ މަދުވެފަ. އެންމެ ހިތްދަތިވީ ތުއްތުކުދިންގެ ވެސް ބޮލުގެ ނާށިގަނޑުވެސް ފަޅައިގެންގޮސް، އަހަރުމެންނާ ހަމައަށް ގެންނައިރުވެސް ފުރާނަ ގޮސްފައިވާތީ. މީގެއިތުރުން ޑްރޯންގެ ހަމަލާއަކީ، އޭގެ ރޭޒާފުށް ކުދި ކަމުން ހަށިގަނޑަށް ވަންނައިރު ބޭރުފުށުން މާބޮޑު ޒަހަމެއް ނުވިޔަސް، އެތެރެހައްޓަށް ވަރަށް ބޮޑު ގެއްލުންތަކެއްދޭ ހަމަލާތަކެއް“ އެނާމާން ތަޖުރިބާ މީޑިއާތަކާ ކޮންމެވެސް ވަރަކަށް ހިއްސާ ކުރަމުން ޑރ. ޠާހިރް ކިޔައިދިނެވެ.
ޑރ. ޠާހިރް ބުނީ، އެންމެންގެ ފުރާނަ ސަލާމަތް ކުރަން ކޮންމެ ދުވަހަކު 24 ގަޑިއިރު މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް އެކަން ގިނަ ފަހަރަށް ހާސިލު ނުވުމުން ނާކާމިޔާބުވި މީހެއްކަމުގެ އިހުސާސުވެސް ކުރެވުނު ކަމަށެވެ. ހަމަލާތަކުގެ ޣައްޒާގެ ހޮސްޕިޓަލަށް ގެންނަ ބަލިމީހުން ގިނަވުމާ ވަސީލަތްތައް ވެސް ފަހުން މަދުވުމުން، އޭނާގެ މަސައްކަތް ވަރަށް ވެސް އުނދަގޫވި ކަމަށް ބުންޏެވެ. ނަމަވެސް ފަހުވަގުތާ ޖެހެންދެން ވެސް ހިތްވަރު ކުރި ކަމަށް ޑރ. ޠާހިރު ބުންޏެވެ.



