ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އިއްޔެ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވި ތޯރިގު އިބްރާހިމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ހަފްތާގެ އަންގާރު ދުވަހު، އެއިރު ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ފައިސަލް އިބްރާހިމް މަގާމުން ވަކި ކުރައްވާފައެވެ.
އެއަށްފަހު އިއްޔެ އެމަނިކުފާނު ވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލައްވާ، އެ މިނިސްޓްރީގެ މިނިސްޓަރުކަން ތޯރިގްއާއި ހަވާލު ކުރައްވާފައެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިއްޔެ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ތޯރިގް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ޓޫރިޒަމް ދާއިރާ އާއި ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތަކަކީ ރާއްޖެ ފަހުރުވެރިވާ ދެ ދާއިރާއަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ތިމާވެއްޓާ ގުޅުން ހުރި ދާއިރާ އެކުގައި ގިނަ މަސައްކަތްތައް ކުރެވިދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”ރާއްޖޭގެ ޓޫރިޒަމް ސެކްޓާ އާއި ތިމާވެށީގެ ދާއިރާ އިން މިހާރު ކުރަމުންދާ ކަންތައްތައް މިހާރަށް ވުރެ ރަނގަޅަށް އަދި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ޓޫރިޒަމް ސެކްޓާ އަކީ އަޅުގަނޑުމެން އެންމެން ފަހުރުވެރިވާ އަދި އެންމެންނަށް ފައިދާ ކުރާ ސިނާއަތަކަށް ހަދާނަން. ރާއްޖޭގެ ޓޫރިޒަމް ސެކްޓާ އިތުރަށް ހަރުދަނާ ކުރުމަށް އަޅުގަނޑު މަސައްކަތްތައް ކުރާނަން“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ތޯރިގް ވިދާޅުވީ އެ ދެ ދާއިރާ އެކުގައި މަސައްކަތްކޮށް މުހިއްމު ގިނަ ކަންތައްތަކެއް ކުރައްވާނެ ކަމަށެވެ.



