މިސްކިތްތަކުގައި ބަހައްޓާ ފަންޑު ފޮށިތަކާ ގުޅޭ ކަންކަން ރެގިއުލޭޓްކުރަން ގަވާއިދެއް ހަދަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެެ.
އެކިއެކި ކަންކަމުގައި އެހީ ހޯދުމަށް މިސްކިތްތަކުގައި ފަންޑު ފޮށި ބެހެއްޓުމަކީ ވަރަށް ގިނައިން ކުރަމުންއަންނަ ކަމެކެވެ.
މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ މިސްކިތްތަކުގައި ފަންޑު ފޮށިތައް ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދަން ހުއްދައަށް އެދޭ މިންވަރު ކުރިއަށްވުރެ މިހާރު އިތުރުވެފައިވާ ކަމަށެވެ.
އެހެންކަމުން މިސްކިތްތަކުގައި ފަންޑު ފޮށި ބެހެއްޓުން ރެގިއުލޭޓް ކުރާ ގަވާއިދެއް ހަދަން ނިންމާފައިވާ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވެފައިވެއެވެ.
އެގޮތުން މިސްކިތްތަކުގައި ފަންޑް ފޮށި ބަހައްޓަން ހުއްދަ ދެވޭނީ ހޯދާ ފައިސާ ހަރަދުކުރާނެ ގޮތުގެ ތަފްސީލު ހުށަހެޅުމުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން އެ ގަވާއިދުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، ހުއްދަ ތަކުރާރު ކުރެވޭނީ ހަރަދުކުރި ގޮތުގެ ތަފްސީލާއި އޮޑިޓު ރިޕޯޓު ހުށަހެޅުމުންކަން ވެސް ހިމަނާފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ހަދާ އެ ގަވާއިދަކީ، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ހަދަން ނިންމާފައިވާ ގަވާއިދެއް ކަމަށް ވެސް ބުނެފައިވެއެވެ.




