މާލެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން، ވަޒީފާ ދޭ ފަރާތުން ހޯމްލޭންޑް މިނިސްޓްރީއާ ގުޅިގެން ނިންމަންވާނެ ކަމަށެވެ.
އަދި އެ މުއްދަތުގެ ތެރޭގައި އެކަން ނުކޮށްފިނަމަ އެކްސްޕެޓް ސިސްޓަމުން އެ ފަރާތެއް ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރަން މިނިސްޓްރީން ވަނީ ”އޮޕަރޭޝަން ކުރަނގި“ގެ ނަމުގައި މިދިޔަ މަހު އޮޕަރޭޝަނެއް ބާއްވައިފަ އެވެ. އެ އޮޕަރޭޝަންގެ ތެރެއިން އެއް ދުވަސް ތެރޭގައި 1،455 ބިދޭސީންގެ މައުލޫމާތު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސިސްޓަމަށް އެއްކޮށްފައިވެ އެވެ.



