ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އީ-ފާސް މެދުވެރިކޮށް ރެޖިސްޓްރީވެވޭ ގޮތް ހެދުމާ ބެހޭގޮތުން ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއެކު އިލެކްޝަންސް ކޮމިޝަނުން މިއަދު މަޝްވަރާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ އީ-ފާސް ބޭނުންކޮށްގެން ޕާޓީތަކުގައި ރެޖިސްޓްރީވެވޭ ގޮތް ހަދައިފިނަމަ، ޕާޓީތަކަށާއި އާންމުންނަށް ދިމާވެދާނެ ދަތިތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެގޮތުން އީ-ފާސްގެ ތެރެއިން ޕާޓީތަކުގައި ރެޖިސްޓްރީވެވޭ ޕޯޓަލް މިހާރު ޑިޒައިންކޮށްފައިވާ ކަމަށް ވެސް އީސީގެ މެންބަރު ހަސަން ވިދާޅުވިއެވެ.
ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވާން އެދި ހުށައެޅޭގޮތަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
އަދި މިދިޔަ މަހުގެ 30 އިން ފެށިގެން ޕާޓީތަކަށް ވަނުމަށް އެދި ހުށައަޅާ ކަރުދާސް ފޯމު ބަލައިގަތުން އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްޓާލާފައެވެ.




