ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ފަސްވަނަ އިޞްލާޙު ގެނައުމާ ގުޅިގެން، ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި މަޝްވަރާކުރުމަށް ޚާއްޞަ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގްގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ޕޮލިސް ސަރވިސްގެ އެންޓި ސްކޭމް ސެންޓަރާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިތުރުން، ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ، ދިރާގު، އުރީދޫ، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ފަހި ޕޭ އަދި ވިލާ ޓްރެވަލްސްގެ އިސް ފަރާތްތައް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިބައްދަލުވުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު ފަސްވަނަ އިޞްލާޙާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު، އޮޅުވާލުމުގެ މައްސަލަތައް ހުއްޓުވުމަށްޓަކައި މާލީ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތްކުރުމަށް ބޭނުންވާ ގައިޑްލައިންތަކެއް އެކުލަވާލުމަށް މަގުފަހިކުރާނެ މަޢުލޫމާތުތައްވެސް ވަނީ ހިއްސާކުރެވުނެވެ.



