ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރި 228 ސިޔާސީ ވައްޒަފުންގެ މަޢުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުނު އަމުރު އެޓަރނީ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ހައިކޯޓުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ހުސްވި ހަފުތާގައެވެ. މި މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން 228 ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުން ވަކިކުރަން ނިންމި ނިންމުން އިޢުލާންކުރެއްވީ އޮކްޓޯބަރު 15 ވަނަ ދުވަހުއެވެ. މި ފިޔަވަޅާ ގުޅިގެން މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ ފަރުދެއް ވަކިކުރެވުނު 228 މުވައްޒަފުންގެ މަޢުލޫމާތު ހޯދުމަށް ރައީސް އޮފީހުގައި އެދުމުން އެމަޢުލޫމާތަކީ އަމިއްލަ މަޢުލޫމާތު ކަމަށް ބުނެ ރައީސް އޮފީހުން ވަނީ އެމައުލޫމާތު ހާމަކުރަން އިންކާރުކޮށްފައެވެ.
ނަމަވެސް މިއާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހުސްވި މަހުގެ 25 ވަނަ ދުވަހު ނިންމީ އެދިފައިވާ މަޢުލޫމާތުގެ ތެރެއިން ދާއިމީ އެޑްރެސް ފިޔަވައި އެހެން މަޢުލޫމާތުތަކަކީ ޤާނޫނުގެ ދަށުން ހިފެހެއްޓޭނެ މަޢުލޫމާތުތަކެއް ނޫން ކަމަށެވެ. އެހެންކަމުން، ސިޔާސީ މަޤާމުތަކަށް ޢައްޔަންކުރެވުނު ފަރާތްތަކުގެ ނަމާއި، މަޤާމާއި، މަސައްކަތްކުރި އޮފީހާއި، ވަކިކުރެވުނު ތާރީޚު ފަސް ދުވަހުގެ ތެރޭގައި ހާމަކުރުމަށް އަމުރުކޮށްފައިވެއެވެ.
ސަރުކާރުން ކުރިން ހާމަކޮށްފައިވާ ގޮތުގައި ސިޔާސީ މަގާމުން ވަކި ކުރެވުނީ 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.



