ނ. މާވައިދޫ ކައިރީގައި ވާ ފަރެއްގެ މައްޗަށް ހިލައާއި ހިލަވެލި އަދި ސިމެންތި އުފުލަމުންދިޔަ ދޯންޏެއް އަރައިފިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދީފިއެވެ.
އެމްއެންޑީއެފްގެ ފަރާތުން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ދަންވަރު 3:59 ހާއިރުއެވެ. އަދި ފަރަށް އަރާފައިވަނީ ”ވެނިސް“ ނަމަކަށް ކިޔާ 100 ފޫޓުގެ ސަޕްލައި ދޯންޏެކެވެ. މި ދޯނި ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން ހއ. އަތޮޅަށެވެ.
އެމްއެންޑީއެފްއިން އިތުރަށް ހާމަކުރި ގޮތުގައި މި ދޯނީގައި 13 ފަޅުވެރިން ތިބިއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.



