އިންސާނާގެ ހިތަށް ހަގީގީ ހަމަޖެހުމާއި އުފާވެރިކަން ލިބިގަނެވޭނީ މާތްﷲ ހަނދުމަކުރުމާއި، ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވުނު ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ދުނިޔެއަކީ އިމްތިހާނުގެ މައިދާނެއް ކަމަށާއި، އަޅުގަނޑުމެންގެ ޒިންމާއަކީ މާތްﷲ އަށް ހުރިހާ ކަމެއް ހަވާލުކޮށް، ކެތްތެރިކަމާއެކު ނަމާދުން ވާގިއެދުން ކަމަށެވެ.
ސާޖިދާ އިތުރަށް ވިދާޅުވީ، އީމާންތެރިކަން ހަރުދަނާކުރުމަށް އަބަދުވެސް މަސައްކަތްކުރަންޖެހޭ ކަމަށާއި، ހަގީގީ އުފާވެރިކަމުގެ މަންބައަކީ އީމާންކަމުގެ އަލިކަމުން ފުރިފައިވާ ހިތެއް ކަމަށެވެ.
މީގެ އިތުރުން، ގައުމެއްގެ އުފާވެރިކަން އިތުރުކުރުމުގައި އެ ގައުމެއްގެ މާދަރީ ބަހާއި، ސަގާފަތާއި، ތަރިކައާއި އަދި ފަންނުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ސާޖިދާ ވިދާޅުވީ، ޒަމާނުއްސުރެ އައިސްފައިވާ ޅެންތަކާއި، ޖޯކުތަކާއި، ހިކުމަތްތެރި ވާހަކަތަކާއި އަދި ބުއްދިވެރި ބަސްތަކުން އުފާ ލިބިގަތުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުރަމުންދާ ކަމެއް ކަމަށެވެ.
މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ އިލްމީ ނަޒަރަކުން ބަލާއިރުވެސް އަދަބީ އަދި ފިކުރީ އުފާވެރިކަން ލިބިގަނެވެނީ މާދަރީ ބަހުން ކަމަށާއި، އެހެންކަމުން ގައުމެއްގެ އުފާވެރިކަން އިތުރުކުރުމަށްޓަކައި ތަރިކައާއި، ބަހާއި، ސަގާފަތަށް އިހުތިރާމްކޮށް، އެ ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުންކުރުމުގެ މުހިންމު ކަމަށެވެ.



