ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤުކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ކެލާ/ ގަހާ، އާދަމް އިރުޝާން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ އެކި ފަރާތްތަކާ މުޢާމަލާތްކޮށްފައިވަނީ ”ކެލާ އަހައްމަދު“ ގެ ނަމުންކަން މިހާތަނަށް ތަޙުޤީޤަށް ފާހަގަކުރެވިފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ މަކަރާއި ހީލަތުން އިތުރު ބައެއްގެ އަތުން ފައިސާ ހޯދާފައިވޭތޯ ބެލުމަށް ފުލުހުން ބޭނުންވާ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް އޮތް ނަމަ، ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުގެ ނަންބަރު 4005022 އަށް ނުވަތަ 9791462 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން އާންމުންނަށް ގޮވާލާފައިވެއެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ޝުކުރު ދަންނަވާފައިވެއެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.



