ރާއްޖެ ޕްރޮމޯޓްކުރަން ބޮލީވުޑް ފަންނާނުންނަށް ހާއްސަ އިވެންޓެއް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ރޭގައި ބާއްވައިފިއެވެ.
މި އިވެންޓު ބާއްވާފައިވަނީ އިންޑިއާގެ ވިޔަފާރީގެ ހަބް މުމްބާއީގެ ”ބޮލީވުޑް ސޮއިރީ“ ގައެވެ. މި އިވެންޓުގައި ބައިވެރިވީ ފަންނާނޫނުންގެ ތެރޭގައި އިންޑިއާގެ މަޝްހޫރު ތަރިން ކަމަށްވާ މޯނީ ރޯއީ، އަންގަދް ބޭދީ އަދި ޑައިރެކްޓަރު ފަރާ ޚާންއާއި ޒޯޔާ އަޚްތަރު ހިމެނެއެވެ.
އެމްއެމްޕީއާރްސީގެ ފަރާތުން ބައިވެރިވީ ފަރާތްތަކުގެ ތެރޭގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއާއި ޗެއާޕާސަން އަބްދުﷲ ގިޔާސް ހިމެނެއެވެ. މި ދެ ބޭފުޅުންވަނީ އެ ފަންނާނުންނާއެކު ފޮޓޯއެއް ވެސް ނަގާފައެވެ.
ރާއްޖެ ޕްރޮމޯޓު ކުރަން އިންޑިއާގައި ރޭގައި ޚާއްސަ އިވެންޓެއް ބާއްވާފައިވާއިރު، ޖެނުއަރީ 30 އިން މިމަހުގެ 1 އާ ހަމަޔަށް އެމްއެމްޕީއާރްސީން ވަނީ ވަން ވޯލްޑް ޓްރެވެލް މާކެޓް 2025 (އޯޓީއެމް) އިވެންޓެއް ވެސް އެ ޤައުމުގައި ކުރިއަށް ގެންގޮސްފަ އެވެ.

މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ދިޔަ އެ އިވެންޓަކީ ރާއްޖޭގެ ގިނަ ރިސޯޓުތަކަކާ ގުޅިގެން ކުރިއަށް ގެންދިޔަ އިވެންޓެކެވެ.
އެ އިވެންޓުގެ ތެރެއިން އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ ވަނީ ޕެނަލް ޑިސްކަޝަންއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ގަޖެންދުރަ ސިންގް ޝެކާވަތްއާވެސް ޝިއުރީ ބައްދަލުކުރެއްވި އެވެ.




