އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުންނަށް، ދިވެހިބަހުގެ އެކެޑެމީން، ދިވެހިބަހުގެ ކޯހެއް ފަށައިފިއެވެ.
ބުދަ ދުވަހާ ހަމައަށް ކުރިއަށްދާ މި ކޯސް ފަށާފައިވަނީ އިއްޔެއެވެ.
އޭސީސީގެ މުވައްޒަފުންނަށް ހިންގާ މި ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުން ބަހައްޓާނެގޮތާއި، އަދަބު އިހުތިރާމާއެކީ މުއާމަލާތު ކުރަންޖެހޭ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުން ކަމުގައި ދިވެހިބަހުގެ އެކެޑެމީން ބުނެފައިވެއެވެ.
މި ކޯސް ބަހާލާފައިވަނީ ހަތަރު ދަންފަޅިއަކަށެވެ.
މިކޯހުގައި ދިވެހިބަހުން ރީތިކޮށް ވާހަކަދައްކާނެގޮތާއި، ލަފުޒު ވަކިކޮށްގެން ލިޔުމުގެ ގަވާއިދާއި، ސާފު ރިވެތި ބަހުން އިބާރާތްކުރާނެ ގޮތް ކިޔައިދޭނެއެވެ. އަދި، ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ސުކުންކުރާނެ ގޮތާއި، ތާނައިގައި ތިކިޖަހައިގެން ލިޔާނޭ އުސޫލު ވެސް ކިޔައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިބަހުގެ އެކެޑަމީން ހިންގާ މި ކޯހުގައި ކިޔަވައިދެއްވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދެ ދާރިސުންކަމުގައިވާ ޢަޒީޒާ ޢަފީފާއި ޢަބްދުﷲ ޖަމީލެވެ.



