ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގާ ޖިނާއީ ތަހުގީގާ ގުޅިގެން ސަސްޕެންޑުކުރި ބައެއް މުވައްޒަފުންގެ ފިޔަވަޅުތައް އުވާލާފައިވާ ކަމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ބިންވެރިޔާ ސްކީމު ޚިޔާނާތާ ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެޗްޑީސީގެ މެނޭޖްމަންޓުގައި ހިމެނޭ ބައެއް މުވައްޒަފުންނާ އެކު، 15 މުވައްޒަފަކު ސަސްޕެންޑު ކުރިއެވެ.
މިކަމާ ގުޅިގެން އެޗްޑީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށްފަހު އެތަނުން ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.
ބިންވެރިޔާ ސްކީމް ޚިޔާނާތާ ގުޅިގެން އެޗްޑީސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވެސް ސަސްޕެންޑު ކުރިއެވެ. ނަމަވެސް ފަހުން ފަޒުލް ވަނީ އަމިއްލައަަށް އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.



