ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތައް އިތުރުވަމާއި ގުޅިގެން، އެކަމަށް ސަމާލުވާން ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން އިލްތިމާސް ކޮށްފިއެވެ.
ސައިބާ ކްރައިމް ސެންޓަރުން ވަނީ އާންމުންނަށް ޝައްކު އުފެދޭފަދަ އިޝްތިހާރުތަކާއި ވިއްކާ ތަކެއްޗަށް ސަމާލުވެ، އަގުހެޔޮ ޑީލްތަކަށް ހެއްލިގެން ނުދިއުމަށް ގޮވާލާފައެވެ.
މީގެއިތުރުން، އެއްޗެއް ގަތުމުގެ ކުރިން އެކަށީގެންވާ ވަރަށް ދިރާސާކުރުމަށާއި، ވިއްކާ ފަރާތުގެ ޕްރޮފައިލް ބަލައި ޗެކްކުރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
އާ ޕްރޮފައިލްތަކާއި، މަޢުލޫމާތު މަދު ޕްރޮފައިލްތަކަށް އިތުރަށް ސަމާލުވުމަށް އެދި ފުލުހުން ވަނީ އިތުބާރުހުރި ފަރާތަކުން އެއްޗެއް ގަންނަ ނަމަވެސް، ”ކޭޝް އޮން ޑެލިވަރީ“ އިޚްތިޔާރުކުރުމަށް ލަފާދީފައެވެ.
މިފަދަ މަކަރުވެރި ޢަމަލުތަކުން ރައްކާތެރިވުމަށްޓަކައި ސައިބާ ކްރައިމް ސެންޓަރުން ”ފްލޭޝް ކޯލްސް“ ތަޢާރަފުކޮށްފައިވާއިރު، ”ފްލޭޝް ކޯލްސް“ އަކީ އަގުހެޔޮ އަދި އަވަސް ކޯލް-ބޭސްޑް އޮތެންޓިކޭޝަން ޓެކްނޮލޮޖީއެކެވެ.
މި ނިޒާމުގައި، ޚިދުމަތްދޭ ފަރާތުން ކަސްޓަމަރުގެ ފޯނަށް ގުޅުމުން ނުވަތަ މިސްކޯލް ދިނުމުން، އެ ކޯލުގެ ނަންބަރުގެ ފަހު އަކުރުތައް އޮތެންޓިކޭޝަން ކޯޑުގެ ގޮތުގައި ބޭނުންކުރެވެއެވެ.
ސައިބާ ކްރައިމް ސެންޓަރުން ފާހަގަކުރި ގޮތުގައި، އާ ޓެކްނޮލޮޖީއާ ގުޅިގެން ގިނަ ކުންފުނިތަކަކުން މިހާރު ދަނީ އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރަމުންނެވެ.



