ކައުންސިލްތަކުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިކުރާނެ ގޮތްތައް ހޯދުމަށް އޯޕަން ގަވަރމަންޓް ޕާޓްނަރޝިޕް (އޯޖީޕީ) ބައްދަލުވުމުގައި އިސްކަންދެއްވާނެ ކަމަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އޯޖީޕީ ބައްދަލުވުމުގައި ބައިވެރިވުމަށް ފިލިޕީންސަށް ފުރައިވަޑައިގަންނަވަމުން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މި ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމުގެ ދަށުން ހާމަކަން ބޮޑު، ދެމެހެއްޓެނިވި ތަރައްޤީއާއި، ކައުންސިލްތަކުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، ހެޔޮ ވެރިކަމެއް ހިންގުމާ ބެހޭގޮތުން މަޝްވަރާކުރެވޭނެ ކަމަށެވެ.
އޯޖީޕީ ބައްދަލުވުމުގައި އެކި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެހެން ޤައުމުތަކުގައި ލާމަރުކަޒީ ނިޒާމު ކާމިޔާބުކަމާއެކު ތަންފީޒުކޮށްފައިވާ ގޮތްތައް ދެނެގަނެ، އެފަދަ ބަދަލުތައް ރާއްޖެއަށް ގެނައުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެވޭނެ ކަމަށެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި ރަށުގެ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، މި ނިޒާމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމާއި، މިހާރުގެ ނިޒާމަށް ބަދަލެއް ގެންނަން ޖެހޭނަމަ އެ ބަދަލުތައް ދެނެގަތުމަށް މަޝްވަރާކުރުމަށް ޚާއްސަ އިސްކަމެއް ދިނުން. އަދި ފިލިޕީންސްގެ ލާމަރުކަޒީ ނިޒާމު ހިނގަމުންދާ ގޮތް ބަލައިލުމުގެ ފުރުޞަތުވެސް ލިބިގެންދާނެ.“ ވަޒީރު ވިދާޅުވިއެވެ.
މި މަހުގެ 5 އިން 7 އަށް ކުރިއަށް ގެންދިޔަމަށް ހަމަޖެހިފައިވާ އޯޖީޕީ މި ބައްދަލުވުމުގައި ސަރުކާރުތަކުގެ އިސްވެރިންނާއި، މަދަނީ ޖަމްޢިއްޔާތަކުގެ ވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އެހެނިހެން މަޞްލަޙަތުވެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.


