މާލެ ސިޓީގެ ރޯޝަނީމަގުން ނުބައިވަސް ދުވީ އެ މަގުގައި ހުރި ކެފޭއަކާއި ގެއަކުން ޖަންކްޝަން ހޮޅި ޕޭވްމަންޓަށް ދޫކޮށްފައި ހުރުމުން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލަ ހައްލުކުރުމަށް އެމްޑަބްލިއުއެސްސީއާ ގުޅިގެން ކައުންސިލުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
މި މައްސަލައާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މަގުގެ ދެ ފަރާތުން ކާނުތައް ނަގައި ބެލުމުން މައްސަލައިގެ އަސްލު ސަބަބު ހޯދުނު ކަމަށާއި މިމައްސަލަ ދިމާވާ ތަންތަން ބަންދުކުރުމަށް މިހާރު އަންގާފައިވާ ކަމަށެވެ.
މައްސަލަ ހައްލުކުރުމުން ނޫނީ އިތުރު ހުއްދަތަކެއް ކައުންސިލުން ދޫނުކުރާނެކަން ހާމަކުރައްވާ އާޒިމް ވިދާޅުވީ މަގުމައްޗަށް ނަޖިސް ދޫކުރި ގޭގައި ދިރިއުޅޭ މީހުން ވެސް ހުސްކުރުމަށް އަންގާފައިވާ ކަމަށެވެ.
މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން އެޗްޕީއޭއިން އެންމެ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި މިފަދަ ކަންތައްތައް ރައްޔިތުން ނުކުރުމަށާއި، މައްސަލައެއް ދިމާވިޔަސް އިދާރާތަކަށް އެއްބާރުލުން ދިނުމަށް މޭޔަރު އާޒިމް ވަނީ އިލްތިމާސްކުރައްވާފައެވެ.
ރޯޝަނީމަގުން ނުބައިވަސް އައުމުގެ މައްސަލަ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަނީ އެތައް ފަހަރެއްގެ މަތިން މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާފައެވެ. ނަމަވެސް މައްސަލައިގެ އަސްލު ސަބަބު ހޯދުމަށް ދެ މަސްދުވަހުގެ މުއްދަތެއް ނަގާފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.




