ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާ އެއްކޮށްލުމަށްފަހު، އައު މިނިސްޓަރުގެ ގޮތުގައި ޠާރިޤް އިބްރާހީމް ހަމަޖެއްސަވާފައެވެ. މި ބަދަލު ގެނެވުނީ ކުރީގެ ފަތުރުވެރިކަމުގެ ވަޒީރު އިބްރާހިމް ފައިސަލް މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
މިނިސްޓްރީތައް އެއްކޮށްލުމާ ގުޅިގެން، ކުރީގެ ދެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީންގެ މަޤާމު އުވިގެން ދިއުމާއި ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އާ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީއެއް ހޯދުމަށް މިއަދު އިއުލާނު ކޮށްފައެވެ.
ކޮމިޝަނުގެ އިއުލާނުގައިވާ ޝަރުތު ހަމަވާ ފަރާތްތަކަށް މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅިދާނެ ކަމަށް ބުނެފައިވެއެވެ.
މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި މަހަކު 20،500 ރުފިޔާ އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ މިނިސްޓްރީއެއްގައިވެސް ސިވިލް ސަރވިސްގެ އެންމެ އިސް މަޤާމު ފުރުއްވާ ބޭފުޅާއެވެ.


