މަޖީދީމަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރާތީ، އެމަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިއެވެ.
މިކަމާ ގުޅޭގޮތުން މާލެސިޓީ ކައުންސިލުން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ މަޖީދީމަގު ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބްލޮކްތަކަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން ފުރަތަމަ ބްލޮކުގެ މަސައްކަތަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް މަޖީދީމަގާާއި ޗާންދަނީމަގާއި ރަށްދެބައިމަގާއި ހަމައަށް ޓްރެފިކް ފްލޯއަށް ބަދަލުގެނެސްފައިވާ ކަމަށް ސިޓީ ކައުންސިލްއިން ބުނެފައި ވެއެވެ.
އެެހެންކަމުން އެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން، މި ބަދަލަށް ސަމާލުވުމަށް ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފައިވެއެވެ.
މާލޭގެ މަގުތައް މަރާމާތުކޮށް، ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތްތަކަކީ ސިޓީ ކައުންސިލުން އިސްނަގައިގެން ކުރުމަށް ރާވާފައިވާ މަސައްކަތްތަކެވެ.




